އިބްރާހީމް ނާޞިރު
From Wikipedia, the free encyclopedia
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 2، 1926 ގައި ފުވައްމުލަކުގައެވެ. އެ މަނިކުފާނަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ތުއްތު ދޮންދީދީގެ އަޙްމަދުދީދީގެ އިބްރާހީމް ނާޞިރެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާ ފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.
އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު
| |
---|---|
ދިވެހިރާއްޖޭގެ 2ވަނަ ރައީސުލްޖުމްހޫރިއްޔާ | |
ރައިސްކަން ލިބިވަޑައިގެންނެވީ | 11 ނޮވެމްބަރ 1968 |
ރައިސްކަމުން ދުރުވެވަޑައިގެންނެވީ | 11 ނޮވެމްބަރ 1978 |
ކުރިން ވެރިކަން ކުރެއްވީ | މުޙައްމަދު ފަރީދުދީދީ |
ފަހުން ވެރިކަން ކުރެއްވީ | މައުމޫނު ޢަބްދުލް ޤައްޔޫމް |
_________________________________ | |
ޤައުމު | ދިވެހިރާއްޖެ |
އުފަންވީ | ފުވައްމުލައް |
އުފަންވީ ތާރީޚް | 2 ސެޕްޓެމްބަރ 1926 |
އަވަހާރަވީ | ސިންގަޕޫރު |
އަވަހާރަވީ ތާރީޚް | 22 ނޮވެމްބަރ 2008 (އުމުރުން 82) |
ވަޅުލެވިފައިވަނީ | މާލެ |
އަނބިކަނބަލުން | އައިޝާ ޒުބޭރު (ތުއްތު ދޮން ގޮމަ) މަރިޔަމް ސައީދު ދީދީ ނަސީމާ މުޙައްމަދު ކަލޭފާން |
ދަރިކަލުންނާއި ދަރިކަނބަލުން | އަހްމަދު ނާޞިރު އަލީ ނާޞިރު މުޙައްމަދު ނާޞިރު އައިޝާ ނާޞިރު އިސްމާއިލް ނާޞިރު |
ރައީސް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ވޭތުކުރެއްވީ ޏ. ފުވައްމުލަކު ގައެވެ. [ދުނިޔޭގެ އަލިކަމަށް ވަޑައިގަތީ 2 ސެޕްޓެމްބަރ 1926 (24 ޞަފަރު 1345) ދުވަހު އެވެ.] (މުޙައްމަދު ނަޞީރު، 2008) ބައްޕާފުޅަކީ ވެލާނާގޭ އަޙުމަދު ދީދީ އެވެ. މަންމާފުޅަކީ ފުވައްމުލަކު ދަޑިމަގު ގަނޑުވަރު މޫސާ ދީދީގެ ޢާއިޝާ ދީދީއެވެ.
އިބްރާހީމް އަޙުމަދާއި އަޙުމަދު ޖަދުޢާން (2008)، އާފަތިސް ނޫހުގައި ލިޔުއްވައިފައިވާ ގޮތުގައި އިބްރާހީމް ނާޞިރު ތުއްޕުޅުއިރު އުޅުއްވީ ވަރަށް ދަތި ޙާލުކޮޅުގައެވެ. ނަމަވެސް ފަހުން އެ މަނިކުފާނު ގެންގުޅުއްވައި ބޮޑުފުޅުވަންދެން ގެންގުޅުއްވީ އެ މަނިކުފާނުގެ ބޮޑުބޭބޭފުޅު ވެލާނާގޭ އިބްރާހީމްދީދީ އެވެ.
ރިޔަލުދޯނި ދުއްވުމާއި, ރޭގަނޑު މަސްވެރިކަންކުރުމާއި, ގޯތިތެރޭގައި ގަސްހެއްދުމަކީ އިބްރާހިމް ނާޞިރު ޝައުޤުވެރިކަން ހުންނަ ކަންކަން ކަމަށް އަޙުމަދު ޖަދުޢާނާއި އިބްރާހީމް އަޙުމަދު (2008) ހާމަކުރައްވައެވެ.